ރައީސް އޮފީހުން މިއަދު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވާފައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މުހިންމު ޝަރުތުތަކެއް ރައީސް އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މީގެ އިތުރުން، ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ. އަދި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
ރައީސް އޮފީހުން އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ލިޔެކިޔުންތަކާއެކު އެ އޮފީހަށް ހުށަހަޅަންވާނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުގެ ނާޖާއިޒް ފައިދާ ނެގުމާއި ކޮރަޕްޝަނާއި ރިޝްވަތުގެ އެތައް ޢަމަލެއް ކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވޭތީ ތައްޔިތުންގެ މަޖިލީހުން އޭނާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމުންނެވެ.
މި މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރެވުމުން ޤައުމުގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



