އެޕަލްއިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި އައިފޯން 16 ނެރުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެޕަލްއިން އަޅާ ވަރަށް މުހިންމު ފިޔަވަޅެކެވެ. "އިޓްސް ގްލޯޓައިމް" މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓު އޮންނާނީ އެޕަލް ޕާކުގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައެވެ. އަދި މި އިވެންޓު އޮންލައިންކޮށްވެސް ދައްކާނެއެވެ.

 އައިފޯން 16 އަކީ ޖެނެރޭޓިވް އޭއައި އަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ފުރަތަމަ އެޕަލް ޑިވައިސް ކަމަށް ލަފާކުރެވެއެވެ. މީގެ ކުރިން އެޕަލްގެ ޖޫން މަހުގެ ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސްގައި ތަޢާރަފުކުރެވުނު އޭއައި އިން އުފައްދާ ޖެންމޯޖީ އަދި އެޑްވާންސްޑް ސިރީ ފަދަ ފީޗަރތަކުގެ މައްޗަށް ބިނާކޮށް މި ޑިވައިސް ފަރުމާކުރެވިފައިވާނެ ކަމަށް ބެލެވެއެވެ. އެޕަލްއިން ޗެޓްޖީޕީޓީ އުފެއްދި ކުންފުނި ކަމުގައިވާ އޯޕަންއޭއައި އާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ސަބަބުން ސިރީގެ ޤާބިލުކަން އިތުރަށް ރަނގަޅުވެ، އިތުރަށް އިންޓުއިޓިވް އަދި ޕަރސަނަލައިޒްޑް ވެގެންދާނެ ކަމަށް ބެލެވެއެވެ."

އައިފޯން 15 ޕްރޯ މެކްސްގައި ބައެއް އޭއައި ފީޗަރތައް ފެނިދާ ނަމަވެސް، އައިފޯން 16 ގައި މިއަށްވުރެ ފުރިހަމަ އޭއައި ތަޖުރިބާއެއް ލިބޭނެކަމަށް ވަނީ ވަޢުދުވެފައެވެ. ނަމަވެސް، ސީއެފްއާރްއޭ ރިސަރޗްގެ އެންޖެލޯ ޒީނޯ ފަދަ ތަޙްލީލުވެރިން ބުނާ ގޮތުގައި މި އައު އީޖާދުތަކުގެ ފުރިހަމަ އަސަރު ފެންނާނީ މަޑުމަޑުންނެވެ. އަދި ސިރީ އަޕްގްރޭޑް ކުރުން ފަދަ ބައެއް ފީޗަރތައް 2025 އާ ހަމައަށް ލަސްވެދާނެއެވެ.

 ޗައިނާ ފަދަ މުހިންމު މާކެޓްތަކުގައި އައިފޯން ވިއްކުން ދަށްވެފައިވާ ދަނޑިވަޅެއްގައި، އޭއައި އިންޓަގްރޭޓް ކުރުމުން އެޕަލްގެ އުފެއްދުންތަކަށް އައު މާނައެއް ލިބިދާނެއެވެ. އައިފޯން 16 ގެ އެންމެ ޒަމާނީ ޓެކްނޮލޮޖީއަށް ބަލާއިރު އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

 ސެމްސަންގް ފަދަ އެޕަލްގެ ވާދަވެރިން ވަނީ މިހާރުވެސް ޖެނެރޭޓިވް އޭއައި ބޭނުންކުރަން ފަށާފައެވެ. ނަމަވެސް އައިފޯން 16 އިން ޓެކް އިންޑަސްޓްރީގައި އައު މިންގަނޑެއް ކަނޑައަޅައިފާނެއެވެ. މި އައު ޖީލުގެ އައިފޯނުން ސްމާޓްފޯނުގެ މުސްތަޤްބަލު ބައްޓަންކުރާނެ ގޮތް ބެލުމަށް އެންމެން ތިބީ އެޕަލްއަށް ބަލައިގެންނެވެ.