އދ. ދިއްދޫ ކައުންސިލުން 2022 ވަނަ އަހަރުގެ އޮޑިޓަށް ފޭކު ބޭންކު ސްޓޭޓްމަންޓެއް ހުށަހަޅާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓަށް ހަވާލުކުރި 5,500 ރުފިޔާ ބޭންކަށް ޖަމާނުކޮށް އޮތްކަން އޮޑިޓުން ފާހަގަކުރެވުނެވެ. ކޮންސަލްޓަންޓް ބުނެފައިވަނީ މި ފައިސާ 25,000 ރުފިޔާގެ ޖަމާއެއްގެ ތެރޭގައި ހިމެނޭ ކަމަށެވެ. ނަމަވެސް އޮޑިޓުން ދައްކާ ގޮތުގައި އެ 25,000 ރުފިޔާއަކީ އިދާރާއަށް ލިބުނު އެހީއެކެވެ.
މިކަމާއި ގުޅިގެން ކައުންސިލުން އޮޅުވާލަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 5,500 ރުފިޔާ އޮޅިގެން އަމިއްލަ އެކައުންޓަށް ޖަމާވި ކަމަށް ބުނެ، އަނބުރާ ދޭން އެއްބަސްވެފައިވެއެވެ. އަދި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް ބުނެ ހުށަހެޅި ބޭންކު ސްޓޭޓްމަންޓަކީ ފޯޖުކޮށްފައިވާ އެއްޗެއް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.
މިއީ ޤާނޫނުލް އުޤޫބާތުގެ ދަށުން ކުށެއް ކަމަށްވާތީ، މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ކައުންސިލަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، އޮޑިޓުން ފާހަގަކުރެވުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި އައިޓީ އަދި ފައިނޭންޝިއަލް ކޮންސަލްޓަންޓުން ނެގުމުގައި މަސްލަހަތު ފުށުއެރުމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ހުއްދަ ނެތި މުވައްޒަފުން ގެންގުޅުން، އަދި 2022 އަހަރުގެ ބަޖެޓު ގަވާއިދާ ޚިލާފަށް ފާސްކުރުން ފަދަ ކަންކަން ހިމެނެއެވެ.



