ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޫކުރާނަމަ އެތަންތަން އަތުލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދީފިއެވެ،
އެމްއެންޑީއެފް އިން ބުނީ ސިފްކޯ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފުވާ މީހުންނަށް އެތަންތަން އަތުލުމަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއް އަތުން ފްލެޓު އަތުލާފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ސިފްކޯގެ ތިން ޓަވަރުގައި 345 އެޕާޓްމަންޓް ހިމެނޭއިރު، ބައެއް އެޕާޓްމަންޓްތަކަށް ސިފައިންގެ އާއިލާތައް ވަނީ ބަދަލުވެފައެވެ. ނަމަވެސް ގިނަ އެޕާޓްމަންޓްތަކެއް ކުއްޔަށް ދިނުމަށްޓަކައި ފޭސްބުކް އަދި އައިބޭ ފަދަ ތަންތަނުގައި ހުރީ އިސްތިހާރުކޮށްފައެވެ.
ސިފްކޯ ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީއާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގުޅިގެންނެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ ކުންފުންޏަށްވެސް މަސައްކަތް ނިންމާ ނުލެވުމުން ނިމިދިޔަ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ޗައިނާގެ ދަ ޓްވެންޑީ ތާޑް މެޓަލިޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްފައެވެ.
ސިފްކޯ ހިޔާ ފްލެޓްތައް އެ ލިބުނު ސިފައިންނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.



