ޤައުމުގެ އިޤްތިޞާދު ނާޒުކު ޙާލަތަކަށް މިސްރާބު ޖަހަން މެދުވެރިވި މައިގަނޑު ސަބަބަކީ އެމްޑީޕީ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކުރުމާއި، މަތީ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނެގުމާއި، އަދި ނެގުނު ލޯނުތަކުން އެކަށީގެންވާ ފައިދާހުރި މަޝްރޫޢުތައް ނުހިންގުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސްގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭ އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19ގެ ދުވަސްވަރު އޭރުގެ ސަރުކާރުން ކުރި ވައްކަން ތަކަކީވެސް ގައުމުގެ އިގްތިސާދު އަޑިނޭނގޭ ފުންމިނަކަށް ދާން ޖެހުނު ސަބަބެކެވެ.
އެހެންކަމުން މިސަރުކާރުން މިސައްކަތް މިކުރަނީ އިޚްލާސްތެރި ކަމާއެކު ތެދު ނިޔަތުގައި ކަމަށާއި، ފައިސާ ޗާޕު ނުކޮށް އިގްތިސާދު އިރާދަކުރެއްވިއްޔާ ކުރިއަރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، އިޤްތިޞާދު ހަރުދަނާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރު ކުރައްވާފައެވެ. މި މަސައްކަތުގައި ބައިނަލްއަޤްވާމީ އިޤްތިޞާދީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދާނެ ކަމަށާއި، ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކޮށް، އިޤްތިޞާދު ހަރުދަނާ މިސްރާބަކަށް އަމާޒުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ވަރުގަދަ އަދި ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބިނާކޮށެވެ. ފައިސާ ޗާޕުކުރުމަކީ ފަސޭހަ ޙައްލެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި، އަދި އެއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް މަގުފަހިވާނެ ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ކުރީގެ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް ފައިސާ އަދާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޮވެމްބަރު މަހާ ހަމައަށް ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަމާޒުކުރެވިގެން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މީގެއިތުރުން، ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ޤައުމުގެ މަޞްލަޙަތު ޙިމާޔަތްކޮށް، އެންމެ ފައިދާހުރި ގޮތްތައް ޚިޔާރުކުރުމަށް ކަމުގައިވެސް ރައީސް ރޭ ވިދާޅުވިއެވެ.



