ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން ޕާޓީއަށް 75 ހާސް މެންބަރުން ހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންސީގެ މައި ހަރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ
ރައީސް ވިދާޅުވީ މަޖިލިސް މެންބަރުންނާއި އަދި ޕީއެންސީއަށް ނިސްބަތްވާ އެހެނިހެން ބޭފުޅުންގެ މަސައްކަތުން މި ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޖަލްސާގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ޝުކުރު ދަންނަވައި، މެންބަރުން ގެންގުޅުއްވާ ނަމޫނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކި ދާއިރާތަކުން ޕީއެންސީއަށް ފުރުއްވާފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހަވާލު ކޮށްފައެވެ.
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ދަނީ އަމަލީގޮތުން ކޮންމެ ދުވަހަކު ޕީ.އެން.ސީއާ ގުޅެން ބޭނުންވާކަން ސާބިތުކުރަމުން ކަމަށެވެ. އަދި މިއީ ޕާޓީ ނިޒާމުގައި ޤައުމަށާއި ރައްޔިތުންނަށް ކުރަމުންދާ ބުރަ މަސައްކަތަށް ލިބޭ ބޮޑު ހިތްވަރެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީ.އެން.ސީގެ ފަރާތުން ސައްހަ ނޫން އެއްވެސް ފޯމެއް ނާންނާނެ ކަމަށެވެ. އަދި "މިރޭވެސް އައިސްފައިވަނީ ސައްހަ ފޯމު"ތައް ކަމަށާއި، "ކުރިއަށް އޮތްތަނުގައިވެސް އަންނާނީ ސައްހަ ފޯމުތައް" ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



