ރާއްޖޭގެ މާލީ ނިޒާމު ހަލަބޮލިކޮށް ބޭރު ފައިސާ ލިބުން ދަތިކުރުމުގެ ގޮތުން ބައެއް ސިޔާސީ ފަރާތްތަކެއް ގުޅިގެން ރޭވިގެން މި ހިންގީ ބަޣާވާތެކެވެ. މި ސިއްރު ރޭވުން ފަޅާއަރުވާލާފައިވާއިރު، އިދިކޮޅު ފަރާތްތަކުގެ އިސްވެރިން މިކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ. މި ޖަރީމާގެ އެންމެ މުގުލުގައި ހުރީ ރާއްޖޭގެ ވެރިކަމަށް އަންނަންވެގެން މަސައްކަތްކުރާ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް ތުހުމަތު ކުރެވެއެވެ.
މި މައްސަލަ ފެންމަތިވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ލިމިޓް އުވާލުމަށް އިއުލާން ކުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެ ނިންމުމަކީ މާލީ ހަލަބޮލިކަމުގެ ތެރެއަށް ގައުމު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ގަސްތުގައި އަދި ރަނގަޅަށް ހިސާބުކޮށްގެން ރޭވި ރޭވުމުގެ ބައެކެވެ. ފައްޔާޒު އިސްމާއިލާއި އިދިކޮޅު އެހެން ލީޑަރުން އިސްކޮށް ތިއްބަވައި، ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ކުދިންނަށާއި އެނޫނަސް އެކި ބޭނުންތަކުގައި ޑޮލަރު ބޭނުންވާ ފަރާތްތަކަށް ޑޮލަރު ދިނުން ހުއްޓުވާލި މި ނުބައި ރޭވުމަކީ، މާލީ ނިޒާމަށް އާންމުންގެ އިތުބާރު ގެއްލި، ރައީސް މުއިއްޒުގެ ވެރިކަން ފުނޑުފުނޑުކޮށްލުމުގެ މަޤްސަދުގައި ކުރެއްވި ކަމެކެވެ.
"މިއީ ޤާނޫނީ ސަރުކާރެއް ބަޣާވާތަކުން ވައްޓާލަން ރޭވި ރޭވުމެއް. އަލަކަށް ނޫން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ދެކޮޅަށް މިފަދަ ޣައިރުޤާނޫނީ ރޭވުންތައް ރޭވީ. ފުރަތަމަ މަސައްކަތްކުރީ މަޖިލިސްތެރެއިން. އެކަން ނުވީމާ މިހާރު މިއުޅުނީ ރައްޔިތުން މަގުމައްޗަށް ނެރެ ބޭންކުވެސް ތަޅާލަން." މާލީ ނިޒާމުގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން ސޯޝަލް މީޑިއާގައި ޤައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތަކު ޝުއޫރު ފާޅުކޮށްފައި ވެއެވެ.

ފައްޔާޒް އިސްމާއީލްގެ ކަނާތްފަރާތުގައި ކުރީގެ ދެ ރައީސުން. ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލީ ބަޣާވާތަކުން ކަމަށް ވާއިރު މިސަރުކާރު ވައްޓާލަން ދެފަހަރަުމަތިން ބަޣާވާތް ރޭވި. ކާމިޔާބު ނުވީ މާތްﷲގެ އިރާދަފުޅުން. ބަޣާވާތް ކުރުމާއި އަދި ބަގާވާތް ކުރަން ރޭވުމަކީވެސް ކުށެއް. ފައްޔާޒު އަށް ޤާނޫނީ ސަރުކާރެއް ވައްޓާލަން ރާވައި އެކަމަށް ވާގިދިން ކަމަށް ތުހުމަތު ކުރެވޭ
މަސްދަރުތަކުން ބުނާ ގޮތުގައި ޤައުމީ ބޭންކުގެ މި ނުބައި ނިންމުމުގެ ފަހަތުގައި ހުންނެވީ ބީއެމްއެލްގެ ސީއީއޯއާ ގާތް ގުޅުމެއް އޮންނަ ފައްޔާޒު އިސްމާއިލެވެ. އެބޭފުޅުންގެ މެދުގައި ރިޝްވަތުގެ ތުހުމަތުތައް ފެންމަތިވެފައިވާއިރު، ފައްޔާޒު ވަނީ އެ ރޭވުން ތަންފީޒު ކުރުމުގައި ބޭންކުގެ ބޯޑުގައި ހިމެނޭ 5 މެންބަރަކަށް ބާރު އަޅާފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ބޭންކުގެ ބޯޑުގައި ތިބީ ސަރުކާރަށް ތާއީދުކުރާ 4 މެމްބަރުންނާއި ފައްޔާޒު އިސްމާޢީލްގެ ނުފޫޒު ހިނގާ 5 މެންބަރުންނެވެ،
މި ގެންނަން އުޅުނު ބަޣާވާތުގެ މުގުލުގައި ފައްޔާޒު އިސްމާޢީލް ހުންނެވިކަމަށް ބާރު ލިބޭ އިތުރު އެހެން ހެއްކެއް ވަޒީރު ޝިޔާމްގެ ވާހަކުފުޅުންވެސް ހާމަވެއެވެ. ބީއެމްއެލް އިން ރައްޔިތުންނަށް ޑޮލަރު ދޫކުރުން ހުއްޓާލާނެ ކަމަށް ނިންމި ވަގުތު ފައްޔާޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ޝިޔާމް ވެސް ތުހުމަތު ކުރައްވަނީ މިއީ އިއްތިފާގަކަށް ވުރެ ބޮޑަށް ދުރާލާ އެނގިގެން ތަރުތީބު ކުރެވިގެން ހިނގި ކަމެއްގެ ގޮތުގައެވެ.
ބީއެމްއެލްގެ ބޯޑުގެ ނުވަ ގޮނޑީގެ ތެރެއިން ސަރުކާރުން ކޮންޓްރޯލް ކުރަނީ އެންމެ ހަތަރު ގޮނޑި ކަމަށްވާއިރު، އިދިކޮޅު ފަރާތްތަކުން ފައިނޭންޝިއަލް ކޫޕެއް ގެންނަން މި މަސައްކަތްތައް ކުރި ނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަރަށް އަވަހަށް މިކަމުގެ ތެރެއަށް ތަދައްޚުލްވެވަޑައިގަތެވެ. އެގޮތުން ކުރެއްވި މަސައްކަތުން، ސަރުކާރާ ގުޅިފައިވާ ބޯޑު މެމްބަރުންނާއި ޗަމްޕާ މުޙައްމަދު މޫސާ އާއި ހުސައިން އަފީފް ހިމެނޭ ގޮތަށް އަދި އެބޭފުުންނާއި ގުޅިފައިވާ ފަރާތްތަކުގެ ތާޢީދާއެކު ބީއެމްއެލްގެ ނިންމުން ބާތިލްކޮށް ފައްޔާޒުމެން ގެންނަން އުޅުނު ބަޣާވާތުގެ ބާރު ކަނޑުވާލިއެވެ.
މިކަން ފައްޔާޒުމެންނަށް ކާމިޔާބުވާކަށް މާތްﷲ އިރާދައެއް ނުކުރެއްވިއެވެ. ނަޞްރު ލިބޭނީ ޙައްޤަށެވެ. މި ރާއްޖޭގެ ވެރިކަން ވައްޓާލައި ލާދީނީ ކަންތައްތައް މި ފަސްގަނޑުގައި ފަތުރަން އެއްވެސް މީހަކަށް ޖާގަ ދެވިގެން ނުވާނެއެވެ. އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭނެއެވެ.



