ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ އެމްއެންޔޫ ގެ 200 އަށްވުރެ ގިނަ މެޑިސިން ކިޔަވާ ދަރިވަރުން އައިޖީއެމް އެޗް އިމާރާތުން ނެރެން އުޅޭތީވެ، އެއަށްވުރެ ރަނގަޅު ގޮތެއް އެކުދިންނަށް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް އޮފީހުން ބުނެފިކަމަށް އެމްއެންޔޫއިން ބުނެފިއެވެ.
އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާއެއް ބޭނުން ކުރަމުން ދިޔައެވެ. އެއީ 8 ވަނަ ފަންގިފިލާ އާއި14 ވަނަ ފަންގިފިލާ އެވެ.
އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނީ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ދަރުމަވަންތަ ސްކޫލުގައި ޤާއިމްކޮށްފައިވާ ފެސިލިޓީއަށްވުރެ މާ ފުރިހަމަ ތަނެއް މެޑިކަލް ސްކޫލްގެ ދަރިވަރުންނަށް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ ފަންގިފިލާ ހުސްކުރަން އައިޖީއެމްއެޗުން އަންގާފައިވަނީ އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ.



