އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީއަށް ނުދޭނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ކުރަން ނޭނގުނު ކަމަށާއި، އެމްޑީޕީން މިހާރުގެ ސަރުކާރަށް ލަފާދޭން މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަށް ލަފާ ދެއްވަމުން ވިދާޅުވީ، 2033 ވަނަ އަހަރަށް ތައްޔާރުވުމަށް ޕީއެންސީން ތަމްރީނު ހޯދުމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، 2028 ގެ އިންތިޚާބު އެމްޑީޕީއަށް ނުދޭނެ ކަމަށާއި، ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވޭ ފުރަތަމަ ރައީސްއަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
މީގެ އިތުރުން، ބީއެމްއެލްގެ ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭގޮތަށް ނިންމި ނިންމުމުގެ ފަހަތުގައި ކުރީގެ ވެރިންނާއި އިދިކޮޅު އެމްޑީޕީ އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ފަލާހު ވިދާޅުވިއެވެ. މި ނިންމުމުގެ މަޤްޞަދަކީ ރައްޔިތުން މަގުމައްޗަށް ނެރެ ސަރުކާރު ވައްޓާލުން ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ދައުލަތުގެ ނިޒާމު ހަލާކުކޮށްލުމަށް މަސައްކަތްކުރުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ދައުލަތް ހަލާކުކޮށްލި ކަމަށާއި، އޭގެ ނަތީޖާއިން ފަސޭހައިން ސަލާމަތްނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރަށް ލޮޅުން އެރުވުމަށްފަހު އެމްޑީޕީގެ ވައްކަންތަކުން ސަލާމަތްނުވެވޭނެ ކަމަށްވެސް ފަލާހު ވިދާޅުވެފައިވެއެވެ.



