ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސިއްހީ ފަރުވާއަށްޓަކައި ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. މިއީ ނުރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުވެސް ވަނީ މި ދަތުރުފުޅުގައި ފުރާވަޑައިގެންފައެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ލަފައެއް ހޯއްދެވުމަށާއި، ކުރިން ކުރެއްވި ސާޖަރީއަކާ ގުޅޭ އާންމު ހެލްތު ޗެކަޕަކަށެވެ. ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ކުޑަ އަނިޔާއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އައިޖީއެމްއެޗަށް ވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ރައީސްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ޚަބަރުތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ކަމަށް ބުނެ، އެ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ސިންގަޕޯ އެއާލައިންގެ (SQ437) ގެ ފަލައިޓުން މިރޭ 11:37 ހާއިރު ފުރާވަޑައިގެންފައިވާ ރައީސްގެ ދެކަނބަލުން ފިޔަވައި އިތުރު ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވާ ކަމެއް މަޢުލޫމާތު ލިބިފައެއް ނުވެއެވެ.



