ޤައުމުގެ އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ރައީސް މުޢިއްޒު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައިފިއެވެ.
ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އޮފްސެޓް ކުރުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ހޯދުމުގެ އިތުރު ގޮތްތައް ބެއްލެވުމަށްވެސް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ އެމެރިކާ ޑޮލަރުން ނެގުމަށް ނިންމަވާފައިވެއެވެ.
މީގެ އިތުރުން، ބޭރު ފައިސާއިން ދޭ އުޖޫރައިން ޕެންޝަން ކޮންޓްރިބިއުޝަން އެމެރިކާ ޑޮލަރުން ނެގުމާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް އެމެރިކާ ޑޮލަރުން ދެއްކުމަށްވެސް ނިންމަވާފައިވެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ، ބޭރު ފައިސާގެ ދަތިކަން ޙައްލުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް މި ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި ބައެއް ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ރައީސްގެ އޮފީހުން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.



