ރައީސުލްޖުމްހޫރިއްޔާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ސަބްމެރިން ކޭބަލް މަޝްރޫޢު ކުރިއަށް ގެންދަވަން ނިންމަވައިފިއެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މި މަޝްރޫޢަށް އިތުރަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިއަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންގޮސް ނިންމުމަށެވެ.


