ފެނަކަ ކޯޕަރޭޝަން، އެސް.ޓީ.އޯގެ ދަށަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފެވެ.
މި ނިންމެވުމާއެކު، ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލު ގެންނަވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ. އަދި މި ބަދަލު ގެންނަވާއިރު، ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުމަށް ވެސް ނިންމަވާފައިވެއެވެ. ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް ވަނީ ދެއްވާފައެވެ.
މި މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ. މި ކޮމިޓީން މި ބަދަލާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމާއި، މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށެވެ.



