އަމާޒަކީ ހަތްދިހަ ހަ ގޮނޑިން 80 ގޮނޑި ހޯދުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ މިނިސްޓަރ (އަސްވާޑް) މިހެން ވިދާޅުވީ ޕީއެންސީ ޕީޕީއެމްއަށް ގެމަނަފުށީ ދާއިރާގެ ގޮނޑި ލިބުމުގެ އުފަލުގައި އެކަން ފާހަގަ ކުރުމަށް މިރޭ ދެއްވަދޫގައި ބޭއްވި ޙަފްލާގައި އެދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ގެމަނަފުށީ ދާއިރާގެ ގޮނޑި ސަރުކާރަށް ލިބުމަކީ ވަރަށް ގިނަ ގޮތްގޮތުން ލިބުނު އުފަލެކެވެ. އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
"އަލުން އަނބުރާ ގެމަނަފުށީ ދާއިރާގެ ގޮނޑި ޕީއެންސީ ޕިޕީއެމް ފިކުރަށް އަނބުރާލަ ދެއްވީތީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ވަރަށް ބޮޑަށް މަރުޙަބާއާ ޝުކުރު ދަންނަވަން" ޒުވާނުންގެ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގެމަނަފުއްޓާއި ކަނޑުހުޅުދޫ ރައްޔިތުންނާއި ބައްދަލުކޮށް ދާއިރާގެ މުހުތާދުތައް ހޯދާ ބަލައި އެކަންތަކަށް އިންތިޚާބީ މެމްބަރު އަސަދު ބެހެއްޓެވި ފަރުވާތެރި ކަމަކީ އެމަނިކުފާނު ވަރަށް ގާތުން ބެއްލެވި ކަންތައް ކަމަށާ، ދާއިރާގެ ރައްޔިތުން ތިބީ އަސަދުއާމެދު ވަރަށް ބޮޑު އުއްމީދެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި ރަޢީސްގެ މި ޒަޢާމަތުގައި ދިވެހިރާއްޖެ ދެން ދާނީ ތަރައްޤީގެ މުޅިން އާ އުސްމިނަކަށް ކަމަށްވެސް ވިދާޅުވިއެވެ.



