ރޭ ދަންވަރުގެ ވަގުތެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:09 ހާއިރުއެވެ. ހަމަލާގައި ޒަހަމްވި ނާޒިމް ސައްތާރަށް މިވަގުތު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހަމަލާއާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެހެން ކަމަކަށް މިވަނީ ހުއްޓިފައެވެ.
ނާޒިމް ސައްތާރަށް ހަމަލާދިންތާ ފަސް މިނެޓު ފަހުން، ރޭ ދަންވަރު 12:14 ހާއިރު، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ގިނަ ބައެއްގެ އަބުރު ކަތިލަމުންދާ "ހަސަން ކުރުސީ" ގެ އެކްސް އެކައުންޓުން ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ "ޓޭކިން އަ ބްރޭކް ފޯ އަ ފިއު ވީކްސް" (މަދު ހަފުތާތަކަކަށް މެދުކަނޑާލަނީ) މިފަދައިންނެވެ.
މި ދެ ހާދިސާ ދިމާވި ވަގުތަށް ބަލާއިރު، އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ހަސަން ކުރުސީގެ އެކައުންޓާއި ނާޒިމް ސައްތާރާ ގުޅުމެއް އޮތީބާއޭ ނުވަތަ އެ އެކައުންޓު ހިންގާ އެކަކީ ނާޒިމް ސައްތާރުބާއޭ މިހާރު ދަނީ ސުވާލު އުފެދެމުންނެވެ.
ހަސަން ކުރުސީގެ އެކައުންޓުން މީހުންގެ އަބުރާ ބެހި، ކުރާ ޕޯސްޓުތަކަށް ބައެއް ދިވެހިން ހީ ސަމާސާކޮށް މަޖާ ނަގަމުންދާއިރު، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މިއަދު އެހެން މީހެއްގެ އަބުރު ކަތިލާއިރު، މާދަމާ އެއީ ތިމާގެ ދަރިއެއް، މަންމައެއް ނުވަތަ އާއިލާގެ ގާތް މީހަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ނާޒިމް ސައްތާރަކީ މީގެ ކުރިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ މީހެކެވެ. ނަމަވެސް، އެފަދަ ބޮޑު ކުށަށް އޭރުގެ ސަރުކާރުން ކޯޓަށް އަތްބޭނި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އޭނާއަށް ދިނީ އެންމެ 3 މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެކެވެ.
ނާޒިމް ސައްތާރަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.









