ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ހުޅުމާލޭގައި ހާއްސަކޮށްފައިވާ ބިމަށް ގެނައުމަށް އެދިއްޖެއެވެ. މިއީ ރަޖިސްޓްރީނުކޮށް ދުއްވާ އުޅަނދުތަކާއި "އޭ" ޒޯންގައި ހުއްދަނެތި ދުއްވާ އުޅަނދުތައް ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް އެޅޭ ފިޔަވަޅެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މި ބިމަކީ 200 އުޅަނދު ޕާކުކުރެވޭވަރުގެ 40,000 އަކަފޫޓުގެ ބިމެކެވެ.

އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އަވަހަށް ނިންމުމަށް އަންގާފައިވާއިރު، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.