އާސަންދައިން ވަނީ އެ ކުންފުނިން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް އާސަންދަ އެޕް ތަޢާރަފުކޮށްފައެވެ. މިއީ މުޅިން އަލަށް ތަޢާރަފުކުރެވުނު ޚިދުމަތެކެވެ.
މި އެޕް މިހާރު ވަނީ ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭގޮތަށް ލިބެން ފަށާފައެވެ. މި އެޕް މެދުވެރިކޮށް އައިވީއެފް ޓްރީޓްމަންޓާއި، އައިޔޫއައި ޓްރީޓްމަންޓް އަދި މެޑިކަލް އެސިސްޓެންސްގެ ޚިދުމަތް ލިބިގަނެވޭނެއެވެ. މީގެ އިތުރުން އާސަންދައިގެ ވަޒީފާތަކަށް ކުރިމަތިލުމަށްވެސް މި އެޕް ބޭނުންކުރެވޭނެއެވެ.
ކުރިން އާސަންދައިގެ ޚިދުމަތްތައް ލިބެނީ އާސަންދަ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް މިހާރު އާސަންދަ އެޕް ބޭނުންކޮށްގެންވެސް މި ޚިދުމަތްތައް ކުރިޔަށްވުރެ ފަސޭހައިން ލިބޭނެއެވެ
އާސަންދައިން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތަޢާރަފުކުރި އެޕްލިކޭޝަނެކެވެ. މި އެޕް ތަޢާރަފުކުރުމާއެކު އާސަންދައިގެ ޚިދުމަތްތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.



