މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެވިޑް ކޮލެޖަށް އެޅި ފިޔަވަޅު އުވާލައިފިއެވެ.
މިކަން އެނގުނީ އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނަކުންނެވެ. އެމްކިއުއޭ އިން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅާފައިވަނީ ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެންނެވެ. މި ފިޔަވަޅުތައް މުރާޖާކުރުމަށް ކޮލެޖާއި އެމްކިއުއޭ ބައްދަލުކޮށްފައިވެއެވެ.
ފިޔަވަޅު އެޅުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ލެކްޗަރާއިންނަށް މުސާރަ ނުދިނުމާއި، އިމްތިހާން ކަރުދާސް މާކް ނުކުރުމާއި، ޕްރޮގްރާމް މުއްދަތު އިތުރުވުމުން ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހުން ހިމެނެއެވެ. އެމްކިއުއޭ އިން ހަތް ޕްރޮގްރާމެއްގެ އޮޑިޓް ހެދުމަށްފަހު، އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފު ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފު ކަންކަން ހިމެނެއެވެ.
އެވިޑް ކޮލެޖަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި މި ކަންކަން ރަނގަޅުކުރުމަށް އެންގުމާއި، އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުން ހިމެނެއެވެ. މީގެ އިތުރުން، ކްލިކް ކޮލެޖަށްވެސް އެމްކިއުއޭގެ ހުއްދަ ނުހޯދައި އީ-ލާނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ޕްރޮގްރާމް ހިންގުމާ ގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.
އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލިއިރު، މީގެކުރިން ކްލިކް ކޮލެޖަށް އެޅި ފިޔަޥލުތައްވެސް މިހާރު އުވާލާފައިވާ ކަމަށް އެކޮލެޖުން ބުނެއެވެ. އެ ކޮލެޖުން ވަނީ ރަސްމީކޮށް އެކަން އިޢުލާން ވެސް ކޮށްފައެވެ.



