މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން ޖެހޭކަމަށް ދައްކައިފިއެވެ. މި ދިރާސާއާ ގުޅޭގޮތުން ތައުރިފްކޮށް، ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ދިރާސާއިން ލާމަރުކަޒީ ނިޒާމުގެ ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގާނޫނަށް ބަދަލު ގެނެސްފިނަމަ ކައުންސިލްތައް ބާރުވެރިވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޚިދުމަތްތައް ރަނގަޅުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެންނާނީ ދިރާސާއާއި އާންމުންގެ ޚިޔާލަށް ބެލުމަށްފަހުގައެވެ. އަދި ދުނިޔޭގައި ލާމަރުކަޒީ ނިޒާމުގެ އެކި މޮޑެލްތައް ހުރިކަމާއި، އެ ހުރިހާ ކަމަކަށް ރިޢާޔަތްކުރުން މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި ބައިވެރިވި ޑރ. މަރިޔަމް ޒުލްފާ ވިދާޅުވި ގޮތުގައި ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާނުކުރާކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަކުރައްވާ، މި މައްސަލަ ހައްލުކުރުމަށްޓަކައި ކައުންސިލަރުން ހުވާކުރުމުގެ ކުރިން އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ހެދުމަށް ޑރ. ޒުލްފާ ހުށަހަޅުއްވާފައިވެއެވެ.
މި ދިރާސާގެ ނަތީޖާތަކަށް ބިނާކޮށް ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ.



