ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް އަދި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕާޓީ ހަރުގެ، ހ. ވެޔޮވިލާގައެވެ. މި ތަނަކީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އިމާރާތެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި ކަމަށް ފީއެންސީއިން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒުވާހަކަފުޅުދައްކަވާއިރު، ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް އާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންސީން ބުނެއެވެ.

މި ޚާއްސަ ޖަލްސާއަށް ޕީއެންސީގެ ހުރިހާ މެންބަރުންނާއި ޕީއެންސީއަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ. މި ޖަލްސާގައި ކުރިއަށް އޮތް ސިޔާސީ މަސްރަޙާއި ގުޅޭ މުހިންމު ވާހަކަތަކެއް ދެކެވޭނެ ކަމަށް ބެލެވެއެވެ.