މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ އިނގިރޭސި ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އާއި ޗެއާމަންގެ މަގާމަށް ސިންގަޕޫރުގެ އަރުނީ ގުނެތިލަކަ އާއި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކުގައި އަދާކުރާ ދައުރުތަކަށް ދެމީހުންވެސް ގެނެސްދެނީ ބައިނަލްއަޤްވާމީ ފުޅާ ތަޖުރިބާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުގެ ކުރިން ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ ބޭންކު ގާއިމް ކުރެވުނީ. ދުނިޔޭގެ އެކި ތަންތަނުގަ ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯ އަކަށްވެސް ހަމަޖެހިފައި މިވަނީ އަދި ޗެއާމަނަކަށްވެސް ހަމަޖެހިފައި މިވަނީ. އެހެންވީމަ އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކޮށްލަން މިދަނީ." ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުގެ ކުރިންނ ރައީސް ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމު އަދާކުރެއްވި ނޯނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަނީ 2013 އިން 2016 އަށް އިނގިރޭސިވިލާތުގެ ގްރީން އިންވެސްޓްމަންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ނޮއެލް ވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފަ އެވެ.
އަލަށް ޗެއާމަން ކަމަށް އައްޔަން ކުރެއްވި ގުނެތިލަކާ އަކީ މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ދާދި ފަހުން ލަންކާގެ ހެޓަން ނޭޝަނަލް ބޭންކުގެ ޗެއާމަންކަން ކުރައްވައި ޕީޕަލްސް ބޭންކް އޮފް ސްރީލަންކާ އާއި ސްޓޭންޑަޑް ޗާޓަޑް ބޭންކް އޮފް ސިންގަޕޫރުގެ މަގާމުތައް ފުރުއްވި އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އާ އެގްޒެކެޓިވުންނާ ބައްދަލުކުރައްވައި ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަކީ ރާއްޖޭގެ އިގްތިސާދަށް ތާރީހީ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ކުރިއަށް އޮތްތަނުގައި އެ ބޭންކަކީ ތަރައްގީގެ ބޮޑެތި ކަންތަކަށް އިންވެސްޓުކުރާނެ ބޭންކެއް ކަމަށްވިދާޅުވެފައެވެ.
"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓްތައް ހެދުމަށާއި އަދި ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި މިބޭންކު ވެގެންދާނެ. ރިއަލްއެސްޓޭޓާއި ހައުސިންގ މާކެޓަށްވެސް އަދި އެހެން ދާއިރާތަކަށްވެސް" ރައީސް ވިދާޅުވިއެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ހިމެނެނީ އަހުމަދު އަލީ އާއި ސިންގަޕޫރުގެ ސައީދު އަބްދުލް ނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދާއި އިނގިރޭސިވިލާތުގެ ރޮބަޓް ޑޭނިއަލް ކާޓް އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ އިރު، ވަރަށް އަވަހަށް ބޭންކުގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އަލަށް އައްޔަން ކުރެއްވި އެގްޒެކެޓިވުންނާއި ސީއީއޯ ނޯއެލް ގްރެގޯރީ ޕެޓަރސަން ޖޯންސް އަދި ޗެއާމަން އާނީ ގުނެތިލާކާއާ ބައްދަލުކުރައްވައި އިގްތިސާދު ފުޅާކުރުމުގައި ބޭންކުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައެވެ.



