ހުޅުމާލޭގައި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ތަރައްގީކުރަމުންދާ 4000 ޔުނިޓްގެ މަޝްރޫއުގެ މަސައްކަތް މަޑުޖައްސާލައިފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިންގ ޔުނިޓްގެ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓްތަކުގެ އެއްބަސްވުމާއި ޔުނިޓް ހަވާލުކުރުމާ ބެހޭގޮތުން ގިނަ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅަމުން ދާކަން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ޔުނިޓް ލިބޭނެ ފަރާތްތަކާއި އެފަރާތްތަކަށް ލިބޭ ޔުނިޓް ކަނޑައެޅުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޔުނިޓް ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޢަމަލުކުރަމުން ގެންދާނީ މިނިސްޓްރީން އަންގާ ގޮތުގެ މަތިންކަން ވެސް ފާހަގަކޮށްފައިވެއެވެ.

ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓުން ވަނީ މީގެ ކުރިން ޔުނިޓް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތް މަޑުޖައްސާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އަންގާފައެވެ. އެހެންކަމުން، ޔުނިޓް ހަވާލުކުރުމާ ގުޅޭގޮތުން ކުރެވޭ އެންމެހާ މަޢުލޫމާތު ހިއްސާކުރުން ކުރިއަށް ގެންދެވޭނީ މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީއިން ވަކި ގޮތެއް އެންގުމުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.