ރާއްޖޭގައި އަލަށް ސަރުކާރުން ޤާއިމްކުރާ ޑިވެލޮޕްމެންޓް ބޭންކަކީ ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރުމުގެ ހަބެއް ކަމުގައި ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިބޭންކަކީ އިގްތިސާދު ތަފާތު ކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިއްމު އެއް ކަންތަކެވެ. "ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓްތައް ހެދުމަށާއި އަދި ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި މިބޭންކު ވެގެންދާނެ."
ބައިނަލްއަގްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ފަރާތެއް ސީއީއޯގެ މަގާމަށް މިހާރު އައްޔަންކޮށްފައިވާއިރު، ޗެއާމަން ވެސް ވަނީ ހޮވާފަ އެވެ.
"އިރާދަކުރެއްވިއްޔާ ބޭންކު ގާއިމް ކުރެވުނީ. ދުނިޔޭގެ އެކި ތަންތަނުގަ ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯ އަކަށްވެސް ހަމަޖެހިފައި މިވަނީ އަދި ޗެއާމަނަކަށްވެސް ހަމަޖެހިފައި މިވަނީ. އެހެންވީމަ އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކޮށްލަން މިދަނީ. " ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުހިންމު ސިނާއަތްތަކަށް އިންވެސްޓްކޮށްގެން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ކުރިއެރުމެއް ލިބި، ބޭންކުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެއެވެ



