ޔަމަނުގެ ކައިރީގައި ހިޖުރަވެރިންގެ ދޯންޏެއް އަޑިއަށް ގޮސް 13 މީހަކު މަރުވެ 14 މީހަކު ގެއްލިއްޖެއެވެ.
އިތިއޮޕިއާގެ 25 ހިޖުރަވެރިންނާއި ޔަމަނުގެ ދެ ރައްޔިތެއްނާއެކު ދަތުރުކުރި މި ދޯނި އަޑިޔަށް ދިޔަ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 11 ފިރިހެނުންނާއި ދެ އަންހެނުން ހިމެނެއެވެ.
ބެލެވޭ ގޮތުގައި މިއީ ހަނގުރާމައާއި ބަނޑުހައިހޫނުކަމުން ސަލާމަތްވުމަށްޓަކައި އިތިއޯޕއާ މީހުން ޔަމަނުން ހަޔާކުރި ދޯންޏެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ދޯނިން ދަތުރުކުރި ފަޅުވެރިޔާއި ކެޔޮޅަކީ ޔަމަނުގެ މީހުންނެވެ. އެދެމީހުން ވަނީ ކަނޑަށް ގެއްލިފައެވެ.
މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު މިދޯނި އަޑިއަށް ދިޔަ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
2023 ވަނަ އަހަރު ޔަމަނަށް 97،200 އަށް ވުރެ ގިނަ ހިޖުރަވެރިން އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އަދަދުތަކަށް ވުރެ މަތީ އަދަދެކެވެ. ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ފަގީރުކަމުގެ ސަބަބުން ގަލްފް ގައުމުތަކަށް ދިއުމަށް ރަތް ކަނޑު ހުރަސްކޮށް ގިނަ ބަޔަކު ފުރާނަ ނުރައްކަލަށް ހުށަހަޅައެވެ.



