ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް އަބުރުވެރި ދިރިއުޅުމެއް ކަށަވަރު ކޮއްދިނުމަށް ގެދޮރުވެރިކަން މިލްކުކޮށްދޭން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ސިފައިންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ސިފައިން ޚިދުމަތުން ވަކިވާއިރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ރިޓަޔަރވާ ސިފައިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ދިގު މުއްދަތަށް ޚިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުކޮށްދިނުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެއްގަމާއި ކަނޑާއި ވައިގެ ހަތިޔާރު ހޯދައިދިނުމުގެ އިތުރުން، ފަރުދީގޮތުންވެސް ސިފައިންނަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމެވެ. އަދި ޚިދުމަތާއި އަލަށް ގުޅޭ ސިފައިން އިތުރުކުރުމަށްޓަކައި ސްކޫލް ނިމިގެން ސިފައިންގެ ޚިދުމަތަށް ވަންނަ ޒުވާނުން، އެހެން ދާއިރާތަކުން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކޮށްދިނުމަކީވެސް ރައީސްގެ ވިސްނުންފުޅެއް ކަމަށް ޣައްސާން ވިދާޅުވިއެވެ. އެގޮތުން އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިންގ ޑިގްރީ އަދި ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހެދުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެ ޚިދުމަތުގައި އުޅޭ ޒުވާނުން ރިޓަޔަރ ކުރާ ހިސާބަށް ދާއިރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ޙާލަތުގައި ރިޓަޔަރ ވެވޭނެ ކަމަށެވެ.



