މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ވަރުގަދަ އަޒުމަކާއެކު ކުރެވޭ ބުރަ މަސައްކަތުން ކާމިޔާބު ހާސިލުކުރެވޭނެކަމަށް އިޝާރާތްކުރެއްވިއެވެ. އަދި މިފަދަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން، ދަތި އުނދަގޫ އެއްވެސް ކަމެއް ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަސްފުޅުތަކުން، ކުރިމަގު އުޖާލާކުރުމަށް ދަރިވަރުންނަށް އެމަނިކުފާނު ހިތްވަރު ދެއްވިއެވެ.
ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރެއްވީ ގޮތް ހުސްވެގެން މައިދާން ދޫނުކުރުމަށާއި، ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ. އަދި ފަހަތަށް ނުޖެހުމުގެ އަޒުމު ހިތުގައި ބިންވަޅު ނެގުމަށް އިރުޝާދު ދެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ އަޒުމަކީ ހުރިހާ ޗެލެންޖްތަކަށް ކުރިމަތިލުމާއި ހުރިހާ ހުރަސްތަކެއް ގިރާކުރުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އިރުޝާދު ދެއްވީ ވިސްނުން ބަދަލުކޮށް، ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައެޅުމަށެވެ. އޭރުން ކަންތައްތަކުގައި ކާމިޔާބު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އަދާކުރުމަށް އެންމެ ގާބިލު މިންވަރަކަށް މަސައްކަތްކުރަންވާނެ ކަމަށެވެ. މާތްﷲ އަންގަވާފައިވަނީ ކެރިކުޅަދާނަވީ މިންވަރަކުން ހިކުމަތްތެރިކަމާއެކު މަސައްކަތްކުރުމަށް ކަމަށްވެސް ރައީސްގެ ބަސްފުޅުގައި ފާހަގަކުރެއްވިއެވެ.
"ވަރުގަދަ އަޒުމާއި ބުރަ މަސައްކަތުން ކާމިޔާބު ހާސިލްވާނެ. ކޮންމެ މީހަކުވެސް މުޖުތަމައު އަދި ގައުމަށް ޚިދުމަތްކުރުމުގެ އަޒުމު ކަނޑައަޅަންވާނެ. މިގޮތަށް މަސައްކަތްކޮށްފިނަމަ ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.



