އާސަންދަ ނިޒާމު މިހާރު އޮންނަ ގޮތުން މާލީ ގޮތުން ތަނަވަސް މީހުންނަށް ނާޖާއިޒް މަންފާ ލިބޭ ކަމަށާ، އެހެންކަމުން އަމަލުކުރަމުންދާ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އާމްދަނީގެ ގޮތުން ދަށު ފަންތީގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބޭކާރު ޚަރަދުތައް ކުޑަކޮށް، އެންމެ ބޭނުންވާ މީހުންނަށް ފައިސާ ކަނޑައަޅައި، ނަހަމަ ބޭނުންކުރުން ހުއްޓުވުން ކަމަށެވެ. އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުގެ އާސަންދަ ނިޒާމުން މުއްސަނދިންނާއި ނިކަމެތިން ތަފާތުނުކުރެއެވެ. އަދި އާސަންދައިގެ މަޢުލޫމާތު ނެތް މީހުންނަށް ގިނަފަހަރު ގެއްލުންވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޝަފީގު އިތުރަށް ވިދާޅުވީ އާސަންދަ ޚިދުމަތް ހަގީގަތުގައި އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އާސަންދަ ޚިދުމަތް އިސްލާހު ކުރެވޭނެ ކަމަށާއި، ސަރުކާރު ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލަ އަވަހަށް ހައްލުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



