ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތުގެ ދަށުން، ނޭޝަނަލް ޕޭ ފްރޭމްވާކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން، ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވާކަށް ހިޖުރަކޮށްފައިވަނީ 1 ނޮވެމްބަރު 2025 ގަ އެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ދައުލަތުގެ މުއައްސަސާތަކުގެ ޖުމްލަ 93 އިންސައްތަ ވަނީ މި ފްރޭމްވަރކާ ގުޅިފަ އެވެ.
ޕޭ ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ޕޭ ފްރޭމްވާކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. މިގޮތުން، ކޮމިޝަނަށް ލިބިފައިވާ އެކި މައްސަލަތައް ވަކިވަކިން ބަލައި، އެކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށް، މުވައްޒަފުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަންކަން ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، މިހާތަނަށް މި ފްރޭމްވަރކަށް ބަދަލުނުވެ ބާކީ ހުރި މަދު މުއައްސަސާތައްވެސް ކުރިއަށް އޮތް ތަނުގައި މި އޮނިގަނޑަށް ބަދަލުކޮށް ނިންމުމަށް ވަނީ ރޭވިފަ އެވެ. އެ އިދާރާތައް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތަކާއި އިދާރީ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަކީ އިންސާފުވެރި، އަދި އެއްހަމައެއްގައި ހިފެހެއްޓިފައިވާ މުސާރަތަކަކަށް ހެދުމަށެވެ. މި މަސައްކަތުގެ ދަށުން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.









