އެމެރިކާގެ މަޝްހޫރު ރެޕާ މެކްލްމޯ ވަނީ އޮކްޓޯބަރު މަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓް ކެންސަލްކޮށްފިއެވެ. މި ނިންމުން ނިންމީ ސޫދާނުގެ ހަނގުރާމައަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފައިސާ ދޭކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
މެކްލްމޯ އިންސްޓަގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމީ ފުންކޮށް ވިސްނުމަށްފަހު، އިތުބާރުހުރި އޯގަނައިޒަރުންނާއި ރައްޓެހިންނާއެކު މަޝްވަރާކުރުމަށްފަހު އަދި އަމިއްލައަށް ދިރާސާކުރުމަށްފަހުގައި ކަމަށެވެ. އޭނާ ބުނެފައިވަނީ ގިނަ ބަޔަކު އޭނާއަށް ގުޅައި، ސޫދާނުގެ ރައްޔިތުންނާ އެއްބައިވުމަށާއި ޔޫއޭއީގައި ވިޔަފާރިކުރުން ބޮއިކޮޓްކުރުމަށް ގޮވާލާފައިވާ ކަމަށެވެ.
މެކްލްމޯ އިތުރަށް ބުނެފައިވަނީ ޔޫއޭއީން އާރް.އެސް.އެފްއަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ދިނުން ހުއްޓާލަންދެން އެތާ ޕަރފޯމެއް ނުކުރާނެ ކަމަށެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގައި ސިފައިންނާއި އާރް.އެސް.އެފް އާ ދެމެދު ހަނގުރާމައެއް ހިނގަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. ސޫދާނުގެ ސިފައިން ތުހުމަތުކުރަނީ ޔޫއޭއީން އާރް.އެސް.އެފްއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ސްވިޒަލޭންޑްގައި ބޭއްވުނު މަޝްވަރާތަކުން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރެވުނު ނަމަވެސް، އޭގެ ނަތީޖާއެއް ނުފެނެއެވެ.
ސޫދާނުން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ބުނެފައިވަނީ ޔޫއޭއީން އާރް.އެސް.އެފްއަށް ދޭ އެހީތެރިކަމަކީ މި ހަނގުރާމައިގެ މައިގަނޑު ސަބަބު ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ސޫދާނުގައި އިންސާނީ ބޮޑު ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބެލެވެއެވެ.
މެކްލްމޯ ވަނީ މެއި މަހު "ހިންދްސް ހޯލް" މި ނަމުގައި މަޝްހޫރު އިހުތިޖާޖީ ލަވައެއް ވެސް ނެރެފައެވެ. މި ލަވައަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަލަސްޠީނަށް ތާއީދުކޮށް ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިވާކަން ދައްކުވައިދޭ ލަވައެކެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި މެކްލްމޯ އަކީ އަބަދުވެސް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އާޓިސްޓެކެވެ.



