އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި މަސައްކަތް ކުރުމަށް ވުޒާރާގައި ވަކި ސެކްޝަނެއް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއެކު ފަހުމުނާމާގެ ދަށުން މަސައްކަތް ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން ހިލްޓަން ރިސޯޓް، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އިންޓާންޝިޕް ފުރުސަތުތައް ހޯދައިދެވިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމާއި ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވެސް ޒުހުރުބާން ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާއަށް އެދޭ ފަރާތްތަކުގެ އެސެސްމެންޓު ހެދުމާއި ޚާއްސަ ކޯސްތައް ހިންގުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށާއި، މިއީ އެ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެސް ވަނީ ވިދާޅުވެފައިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ.



