ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާ ގުޅޭގޮތުން ކުވެއިތުގެ ޒަކާތު ހައުސްއާކު މަޝްވަރާކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުވެއިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ބައްދަލުކުރައްވާފައިވާކަމަށާއި، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މުވައްޒަފުންނަށާއި ޝަރީޢާ ބޯރޑް ތަމްރީނުކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
ރާއްޖޭގައި ޒަކާތުގެ ކަންކަން މަތިވެރިކޮށް ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިދާރާއެއް އުފައްދަވާފައިވަނީ 18 ޑިސެމްބަރު 2023 ގައެވެ. މި އިދާރާ ހިންގަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.



