މެދު އިރުމަތީގަޔާއި އީރާނުގައި ހިނގަމުންދާ ހަނގުރާމައިގެ ކަންތައްތަކާއި ގުޅިގެން އަފްޣާނު ޠާލިބާނުންގެ ސަރުކާރަށް އެތައްހާސް ޑޮލަރެއް ލިބެން ފަށައިފި ކަމަށް ޠާލިބާނުން ބުނެފިއެވެ.

ޠާލިބާނުންގެ ސަރުކާރާއި ޙަވާލާދީ ބީ.ބީ.ސީ ގައި ބުނެފައިވަނީ ، އީރާނުގަ އާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ކަންތައްތަކާހުރެ ކުރިން އީރާނުގެ ވައިގެ ސަރަހައްދު ބޭނުންކުރި ގިނަ އެއަރލައިން ތަކުން ހުޅަގު އޭޝިޔާއަށާއި މެދުއިރުމައްޗަށް ދަތުރުކުރާއިރު މިހާރު އަފްޢާނުގެ ވައިގެ ސަރަހައްދު ރައްކާތެރިކަމަށް ބަލައި މިހާރު ބޭނުންކުރަމުން އަންނަކަމަށެވެ. އެގޮތުން އަފްޢާނުގެ ވައިގެ ސަރަޙައްދު ހުރަސްކުރާ ބޯޓަކަށް 700 ޑޮލަރު ނަގާކަމަށް އަފްޣާނު ޓްރާންސްޕޯޓު މިނިސްޓަރ އަދި ވައިގެ ދަތުރުފަތުރާބެހޭ އިދާރާގެ ވެރިޔާ އިމާމުއްދީނު އަޙްމަދު ވިދާޅުވެފައިވާކަމަށްވެއެވެ.
އަދި ރޮައިޓާރސް އަށް މަޢްލޫމާތު ދެއްވަމުން އިމާމުއްދީނު ވިދާޅުވެފައިވަނީ ، ދުނިޔޭގެ ތަފާތު އެއަރލައިން ތަކުން އަފްޣާނު ވައިގެ ސަރަޙައްދުން މިހާރު ދަތުރުކުރާކަމަށާއި އޭގެ ތެރޭގައި ބްރިޓިޝް އެއަރވޭޒް އާއި ލުފްތަންޒާ އެއަރވޭޒާއި އެމެރިކަން އެއަރ ލައިން އާއި އެއަރ އާސްތާން އާއި ބަނގުލަދޭޝް އެއަރ ލައިން އާއި ސިންގަޕޯރު އެއެރލައިން ހިމެނޭކަމަށެވެ.
މީގެ ތިން އަހަރު ކުރިން ޠާލިބާނުން އަފްޣާނު ސަރުކާރާއި ޙަވާލުވި ފަހުން މީގެ ތެރެއިން ގިނަ އެއަރ ލައިންތަކަކުން އަފްޣާނުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ހުއްޓާލާފައިވެއެވެ.



