އީރާނުގެ ކަނޑުގެ ސަރަހައްދު ބަންދު ކުރުމަށް ރޭ އިރާކޮޅުން ފެށިގެން އެމެރިކާ އިން ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް މަދުވެގެން 2 ޓޭންކަރަކަށް ހުރަސް އަޅައި މިސްރާބު ބަދަލުކޮށްލުވައިފިއެވެ. ހަބަރުތައް ބުނާ ގޮތުގައި އޭގެތެރޭގައި ރިޗް ސްޓެރީ އާއި އޮސްޓްރިއާ ހިމެނެއެވެ.
މީގެ އިތުރުން އެހެނިހެން އުޅަނދުތަކަށް ވެސް ހުރަސް އަޅާފައިވާ ކަމަށް ވެއެވެ. ނަމަވެސް އޭގެ ތަފްސީލެއް އެމެރިކާ އަކުން އަދި ހާމަ އެއް ނުކުރެއެވެ.
ޢާންމުކޮށް މި ސަރަޙައްދަށް ވަންނަނީ ޕެނަމާ، ލައިބީރިއާ، ނުވަތަ މާޝަލް އައިލެންޑްސް ފަދަ ދިދަތަކުގެ ދަށުން އޮޕަރޭޓް ކުރާ ޓޭންކަރުތަކެވެ. މި އުޅަނދުތައް އާންމުކޮށް މެނޭޖްކުރަނީ އޭޝިއާ ނުވަތަ މެދުއިރުމަތީގެ ކުންފުނިތަކުން ކަމަށާއި، އެއީ ޗައިނާ ފަދަ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އުޅަނދުތައް ކަމަށް މަސްދަރުތަކުން ބުނެއެވެ.
އެމެރިކާ އިން ހުއްޓުވި ރިޗް ސްޓެރީ އަކީ އެއްފަހަރާ 1 މިލިއަން ފީފާގެ ތެޔޮ އުފުލާ ޓޭންކަރެކެވެ. އަނެއް ޓޭންކަރު ގާތްގަނޑަކަށް 8 ލައްކަ ފީފާގެ ތެޔޮ އުފުލައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ބޯޓުތަކަށް ހަރުކަށި އިންޒާރުތަކެއް ދީ، ބޯޓުތައް އީރާނަށް ނުވަދެ، އެނބުރި ފަހަތަށް ދިޔުމަށް އިންޒާރުތައް ދެމުންނެވެ.










