ކޮރެއާގެ މަޝްހޫރު ފަންނާނު އައިޔޫ، ނެޓްފްލިކްސްގެ ސީރީޒް "ވެން ލައިފް ގިވްސް ޔޫ ޓެންޖެރިންސް" އަށްފަހު، އައު އުއްމީދީ މަޝްރޫއަކާއެކު އެނބުރި އަތުވެއްޖެ އެވެ. އެމް.ބީ.ސީ ޗެނަލުން ދައްކަން ފެށި "ޕާފެކްޓް ކްރައުން" އަކީ ފަހަކަށް އައިސް އެ ޗެނަލްގެ ޑްރާމާތަކަށް ލިބެމުންދިޔަ ދަށް ރޭޓިންގްސް މަތިކޮށް، މަގުބޫލުކަން އަލުން އިއާދަކޮށްދޭނެ ފެންވަރުގެ ވަރުގަދަ މަސައްކަތެކެވެ.
އޭޕްރީލް 10 ވަނަ ދުވަހު ދައްކަން ފެށި މި ޑްރާމާ ބިނާވެފައިވަނީ 21 ވަނަ ގަރުނުގެ ހިޔާލީ ރަސްކަމެއްގެ މައްޗަށެވެ. މި ސީރީޒްގައި އައިޔޫއާއެކު ފެނިގެންދަނީ "ލަވްލީ ރަނާ" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިޔޮން އޫ-ސޮކް އެވެ. މި ވާހަކައިގައި ކިޔައިދެނީ މުއްސަދިކަމުގެ ހުރިހާ ނިއުމަތެއް ލިބިފައިވީ ނަމަވެސް މުޖުތަމައުގައި އެކަށީގެންވާ މަގާމެއް ނެތް އަންހެނަކާއި، މަތީ ދަރަޖައެއް އޮތް ނަމަވެސް މިނިވަންކަމެއް ނެތް ރަސްކަލެއްގެ ދެމެދުގައި ހިނގާ ލޯބީގެ ޝާހީ ވާހަކައެކެވެ.
ޑްރާމާގެ ފުރަތަމަ އެޕިސޯޑުގައި، ބޮޑު ކުންފުންޏެއްގެ ވާރުތަވެރިއެއް ކަމަށްވާ ސުން ހީ-ޖޫ (އައިޔޫ)، ރަސްގެފާނުގެ ދެވަނަ ދަރިކަލުން ޕްރިންސް އިއާން (ބިޔޮން އޫ-ސޮކް) އަށް ކައިވެނީގެ ހުށަހަޅާ މަންޒަރު ފެނިގެންދެ އެވެ. އާދައިގެ އާއިލާއަކުން އައިސްފައިވާ ހީ-ޖޫއަށް މުއްސަދިކަން ހުއްޓަސް ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭއިރު، ޕްރިންސް އިއާން އުޅެންޖެހިފައިވަނީ ޝާހީ އާއިލާގެ ހަރުކަށި އުސޫލުތަކުގެ ތެރޭގަ އެވެ. ދެމީހުންގެ އާއިލާއިން އެހެން ފަރާތްތަކަކާ ކައިވެނިކުރަން މަޖުބޫރުކުރަމުން ދަނިކޮށް، އުފަންދުވަހުގެ ހަފުލާއެއްގެ ތެރެއިން ދިމާވެ، ހީ-ޖޫ، އިއާންއަށް ކައިވެންޏަށް ހުށަހެޅުމާއެކު ވާހަކައިގެ ފޯރިގަދަވެގެންދެ އެވެ.
މި ސީރީޒްގެ ކާސްޓް އިއުލާންކުރި ހިސާބުން ފެށިގެން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. "ޕްރިންސަސް އަވާސް" ފަދަ ރަސްކަމުގެ މާހައުލެއްގައި ވާހަކަ ބިނާކޮށްފައި އޮތުމަކީވެސް ޝައުގުވެރިކަން އިތުރުވި ސަބަބެކެވެ. ފަންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑްރާމާ ދައްކަން ފެށުމުގެ ކުރިންވެސް މިއީ އެންމެ މަގުބޫލު ލިސްޓުގެ އެއްވަނައިގައި އޮތް ސީރީޒެވެ.
ކޮރެއާގެ ރިޕޯޓްތަކަށް ބަލާއިރު، "ޕާފެކްޓް ކްރައުން"ގެ ފުރަތަމަ އެޕިސޯޑަށް ގައުމީ ފެންވަރުގައި 7.8 އިންސައްތަ ވިއުއާޝިޕް ލިބިފައިވެ އެވެ. އަދި ރޭޓިންގް އެންމެ މައްޗަށް ދިޔަ ވަގުތު 9.3 އިންސައްތައަށް އަރާފައިވާތީ، މިއީ އެމް.ބީ.ސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ފުރިހަމަ ސިނެމަޓޯގްރަފީއާއި، ހަލުވި ސްކްރީންޕްލޭ އަދި ތަރިންގެ މޮޅު އެކްޓިންގްއާއެކު، މި ޑްރާމާ ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ބޮޑު ތަރުހީބެއް ލިބޭނެ އުފެއްދުމަކަށެވެ.










