ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ގައުމީ ދަރަނި އިންތިހާއަށް ބޮޑުވެފައިވާތީ، އެކަމާއި ގުޅިގެން ސިޔާސީ ލީޑަރުން ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު ފޭސްބުކްގައި ލިޔުއްވިއެވެ. "މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ވެސް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް،" ނަޝީދު ވިދާޅުވި އެވެ. "މާލީ ހާލަތު މި ހިސާބަށް އައިސްފައިވާ ގޮތާއި، ދެން ވާނެ ކަމަށް ބެލެވޭ ކަންކަމާއި، އެކަމުން އަރައިގަތުމަށް ކުރަން ރާވާފައިވާ ކަންތައްތައް ސާފުކޮށް ރައްޔިތުންނަށް ވިސްނައިދޭން ޖެހޭނެ."

އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ ސަރުކާރުން ދެމުން އަންނަ ކާޑުގެ ސަބްސިޑީއަށްވެސް އިސްލާހުތަކެއް ގެންނަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅުގައެވެ.
ގައުމީ ދަރަނި 126.44 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރާއްޖޭގެ ކޮންމެ ބޮލަކަށް އެއީ 2 ލައްކަ އަށްވުރެ ގިނަ ރުފިޔާއެވެ. މިކަނ މިހެން މިދިމާވީ ކުރީގެ ސަރުކާރުތަކުން އިގްތިސާދު ބެލެހެއްޓުމުގައި ފަރުވާ ކުޑަކުރުމުންނެވެ.
ރައީސް ނަޝީދާއި ރައީސް ޑރ.މުއިއްޒުއާ ސިޔާސީ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، މިހާރުގެ ވެރިކަމުގައި މި ދަރަނިތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް ނަޝީދު ގޮވާލައްވައެވެ.
ނަޝީދުގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މީގެކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިމަތިވެފައިވާ މާލީ ނުރައްކާތަކާ ބެހޭ އިންޒާރުތަކަށް އަޅާނުލާކަން ހާމަކުރައްވާފަ އެވެ. ހާޝިމް ވިދާޅުވީ މި ގޯސް ފިޔަވަޅުތަކުގެ ސަބަބުން މުއިއްޒުގެ ވެރިކަމުގައި މިހާރު ބޮޑު ދަރަނި އަދާކުރުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި މިއަހަރު އެކަނިވެސް ދައްކަން ޖެހޭ 330 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.
ހަރަދުތައް ކުޑަކުރުމަށާއި އިގްތިސާދީ ގޮންޖެހުންތައް މެނޭޖްކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ނަޝީދުގެ ވާހަކަފުޅުތައް މުހިއްމެވެ. ސަރުކާރުން މިވަގުތު އަޅަމުންދާ ފިޔަވަޅުތައް ރައްޔިތުންނަށް ކޮންމެހެންވެސް ތެދުތެދަށް ސާފުކޮށް ކިޔައިދޭން އެބަ ޖެހެއެވެ.
ސަރުކާރުން ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމުގައި ފަގީރުންނަށް އެކަނި ނުދީފިނަމަ، ރާއްޖެއަށް ލޯނު ލިބެން ވަރަށް ދަތިވާނެއެވެ. އެކަން ރައްޔިތުން ގަބޫލުކުރަން އެބަ ޖެހެއެވެ.



