ބަންގްލަދޭޝް މީހަކު ރާއްޖެއިން ބޭރުކުރަން އުޅުނު 80،000 އަށް ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ހިފަހައްޓައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މިއަދު ހިފެހެއްޓީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދާން އުޅުނު މީހެކެވެ. އޭނާގެ ވަނަވަރު އަދި އިޢޫލާން ކޮށްފަައި ނުވާއިރު، ލަގެޖްއިން 81,030 އެމެރިކާ ޑޮލަރު ފެނިފައި ވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ފަސިންޖަރު ވަނީ ފައިސާ ފޮރުވައިގެން ޤައުމުން ބޭރުކުރަން މަސައްކަތްކޮށްފައެވެ.
ފަހަކަށްއައިސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤަވާޢިދުތަކަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް، 10,000 އެމެރިކާ ޑޮލަރަށްވުރެ އިތުރު އަދަދެއްގެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ގެންދާނަމަ، އެ ފައިސާ ހޯދި ގޮތުގެ ތަފްޞީލު ހާމަކުރުމަކީ ލާޒިމު ކަމެކެވެ.



