އަމީނީ މަގުގެ ހުޅަނގު ފަޅި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ދެހަފްތާއެއްހާ ދުވަސް ތެރޭގައި ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަން ދެއްވައިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
އަމީނީ މަގުގެ މި ބައި ތަރައްޤީކުރަނީ ކުރިން އެ މަގުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނެ ގޮތަށް، ފެން ބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ޓަކައި ފެން ހިންދާ ނިޒާމުވެސް ހިމެނޭ ގޮތަށެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައި ވެއެވެ.










