ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު 230 ހަނގުރާމައިގެ އަސީރުން ބަދަލުކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން މަގުފަހިކޮށްފައިވާއިރު، މިއީ މި މަހުގެ ކުރީކޮޅު ޔޫކްރޭނުން ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ދާދި ފަހުން ދިން ހަމަލާއަށް ފަހު މިފަދަ ފުރަތަމަ ބަދަލުކުރުމެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމަށްފަހު ޔޫއޭއީން އިންތިޒާމުކުރި ހަތް ވަނަ ފަހަރު ކަމަށާއި، ޔޫއޭއީގެ މެދުވެރިކަމުގެ ތެރެއިން ދޫކޮށްލި ގައިދީންގެ އަދަދު 1،788 އަށް އަރާފައިވާ ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ މި މަސައްކަތްތަކުން ރަޝިޔާއާއި ޔޫކްރޭނާއެކުވެސް ޔޫއޭއީން ދަމަހައްޓަމުން އަންނަ ވަރުގަދަ ޑިޕްލޮމެޓިކް ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔޫއޭއީން ވައުދުވެފައިވާކަން މިނިސްޓްރީން ވަނީ ތަކުރާރުކޮށްފަ އެވެ.
މިފަހަރު ގައިދީން ބަދަލުކުރުން ކުރިއަށް ގެންދަނީ ހަމަނުޖެހުން ބޮޑުތަނުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ. އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ޔޫކްރޭން ސިފައިން ރަޝިޔާގެ ކަރސްކް ސަރަހައްދަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާއަށް ދިން ބޭރުގެ އެންމެ ބޮޑު ހަމަލާއެކެވެ.
ކިއެވް އިން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން ކުރިން ރަޝިޔާއިން ޔޫކްރޭނަށް ސިފައިން ފޮނުވުމަށް ބޭނުންކުރި ސަރަހައްދެއްގައި ބަފަރ ޒޯނެއް ގާއިމްކޮށްފައިވެއެވެ.



