ސަރުކާރުން ކާޑުގެ ބާވަތްތައް ކަމަށްވާ ފުށާއި ހަނޑުލާއި ހަކުރުން ދެމުން އައި ސަބްސިޑީގެ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
ސަރުކާރުން މިބަދަލު ގެންނަން ނިންމީ މިހާރު ޕްރެކްޓިސް ކުރަމުން އަންނަ އުސޫލުގެ ސަބަބުން އޭގެ ހައްގުވެރިންނަށް އެކަނި އޭގެ ފައިދާ ނުލިބޭތީއެވެ.
ރައީސް މައުމޫނުގެ ދުވަސްވަރުން ފެށިގެން ސަރުކާރުން ކާޑުގެ ބާވަތްތަކަށް "ސީލިންގ ޕްރައިސްއެއް" ކަނޑައަޅާފައިވަނީ ކާޑުގެ ބާވަތްތައް ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށެވެ.
އެހެންނަމަވެސް، މިހާރަކަށް އައިސް ގިނަ ދިވެހިން ބޭނުންކުރަނީ ޕެކެޓް ކޮށްފައި ހުންނަ ބޭރުގެ ތަފާތު ބްރޭންޑް ތައް ކަމަށް ވެފައި އެސްޓީއޯއިން ފޯރުކޮށްދޭ ކާޑަށް ވަރަށް ގިނަ ބިދޭސީން ބަރޯސާވެފައި ތިބުމުގެ ސަބަބުން ދިވެހިންނަށް ދެމުން އައި ސަބްސިޑީ ބިދޭސީންނަށްވެސް ލިބެއެވެ.
އެހެންކަމުން ސަރުކާރުގެ އަމާޒަކީ ދައުލަތުން ސަބްސިޑީ ދެމުން އަންނަ ޒަރޫރީ ކާޑުގެ ތަކެތި ދިވެހިންނަށް އެކަނި ލިބޭނޭ މަގެއް ހޯދައިދިނުމެވެ. އެހެންކަމުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދެން ލިބޭނީ ހަމައެކަނި ދިވެހިންނަށެވެ..
އެނގިފައިވާ ގޮތުގައި ދެން ކާޑުން ސަބްސިޑީ ލިބޭނީ އެކަމަށްޓަކައި ރިކުއެސްތްކުރާ ދިވެހިންނަށް އެކަންޏެވެ.
ޚުލާސާއަށް އެނގިފައިވާ ގޮތުގައި މިކަމާއި ގުޅިގެން ވަރަށް އަވަހަށް ސަރުކާރުގެ މައިކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން އެކަން އިޢުލާން ކުރާނެއެވެ.



