'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގައި 'އެތިލިން އޮކްސައިޑް' ހުރުމުން އެ ބްރޭންޑްތަކުގެ ހަވާދު ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ 'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް، އަސަރުކޮށްފައިވާ އެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ 'އެތިލިން އޮކްސައިޑް' އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެއް ނަމަވެސް ސިއްޙަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
އެ ބްރޭންޑުގެ ހަވާދަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުން އަންނަ ހަވާދުގެ ބާވަތަކަށް ވާއިރު، ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް އެމްއެފްޑީއޭއިން ފަށާފައިވާކަމަށް އެ އޮތޯރިޓީން މަޢުލޫމާތުދެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގެ ބާވަތްތައް ރާއްޖެ އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.



