ޕްލޫޓޯ ގްރަހެއްގެ ދަރަޖައިން ވަކިކުރެވުނު ތާ މިއަދާ ހަމައަށް 18 އަހަރު ވެއްޖެއެވެ. 2006 ވަނަ އަހަރުގެ އޯގަސްޓް 24 ވަނަ ދުވަހު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ބޭއްވުނު އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ޔޫނިއަން (އައިއޭޔޫ) ގެ ޖަލްސާގައި ޕްލޫޓޯ ގްރަހެއްގެ ބަދަލުގައި ޑްވޯފް ޕްލެނެޓަކަށް ބަދަލުކުރުމަށް ވޯޓު ދެވުނެވެ.
މި ޖަލްސާގެ ކުރިން ހަފްތާއެއްގެ މުއްދަތަށް މަޝްވަރާތަކެއް ކުރެވުނެވެ. އަދި މި މަޝްވަރާތަކުގައި ސެރެސް އަދި ކެރޮން ( ޕްލޫޓޯގެ ހަނދު) ވެސް ގްރަހުތަކުގެ ގޮތުގައި ހިމެނުމަށް ހުށަހެޅުނެވެ. މީގެ އިތުރުން، މި ޖަލްސާގައި ގްރަހުގެ މާނަ އަލުން ކަނޑައެޅުނެވެ. މިގޮތުން ގުރަހު އެއީ ކޮންމެހެން ޖައްވީ ސަރަޙައްދުގައި އިރުގެ ވަށައިގެން ދައުރުވާ އެއްޗަކަށް ވާންޖެހޭ ކަމަށާއި އަދި އޭގެ ބަރުދަނުގެ ސަބަބުން ގޯޅިއެއްގެ ސިފައިގައި ހުންނަންޖެހޭ ބޮޑު އެއްޗަކަށްވެސް ވާންޖެހޭނެ ކަމަށާއި މީގެ އިތުރުން، އިރުގެ ވަށައިގެން ދައުރުވާއިރު އޭގެ މަގުގެ ކައިރީގައި ހުރި އެހެން އެއްޗެހި ސާފުކުރެވޭވަރުގެ ބޮޑު އެއްޗަކަށްވެސް ވާން ޖެހޭނެއެވެ.
ޕްލޫޓޯ ގްރަހެއްގެ ދަރަޖައިން ވަކިކުރެވުނުތާ ދެ އަހަރު ފަހުން އައިއޭޔޫ އިން ޕްލޫޓޯ ފަދަ ޑްވޯފް ޕްލެނެޓްތަކަށް "ޕްލޫޓޮއިޑް" މި ނަން ދިނުމަށް ނިންމިއެވެ. މި ނިންމުމާއެކު ޕްލޫޓޯ އާއި އެރިސް އެއް ގިންތިއެއްގައި ހިމެނުނީއެވެ.
މި ނިންމުމަކީ ތަފާތު ގޮތްގޮތަށް ބަހުސްކުރެވުނު ނިންމުމެކެވެ. އަދި މިއީ ސައިންސްގެ ދާއިރާގައި ވަރަށް މުހިންމު ބަދަލެއް ގެނައި ނިންމުމެކެވެ.








