އީރާނު ދެކެ ބިރުން، ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކާގެ ޔުނިވާސިޓިއެއް ކަމަށްވާ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތު (އޭ.ޔޫ.ބީ) ބަންދުކޮށްފިއެވެ. މިހާރު އެ ޔުނިވާސިޓީގެ ކިޔެވުން ކުރިޔަށް ގެންދަނީ އޮންލައިންކޮށް ކަމަށާއި، “ޔުނިވަސިޓީގެ ދޮރުތަކުގައި ތަޅުލައި މައި ގޭޓު ވެސް ތަޅުލައި މުވައްޒަފުން ބޭރުކޮށްލީ އީރާނުން ދީފާނެ ކަމަށް ބެލެވޭ ހަމަލާތަކެއްގެ އިންޒާރުތަކާއި ގުޅިގެން” ކަމަށް މަސްދަރުތަކުން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހު ޔުނިވަރސިޓީގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަޙައްދީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތަކަށް ރިޢާޔަތްކޮށް، ކެމްޕަހަށް ހާޒިރުވެގެން ކިޔަވައިދިނުން މަޑުޖައްސާލާފައިވާ ކަމަށެވެ.
ޔުނިވަރސިޓީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަކީ ވަގުތީ ބަދަލެކެވެ. އަދި ސަލާމަތީ ކަންކަން މުތާލިއާ ކުރުމަށްފަހު، އާންމު ހާލަތަކަށް ރުޖޫޢަވެވުނުހާ އަވަހަކަށް ކެމްޕަހުގައި ކިޔަވައިދޭން ފަށާނެއެވެ. ލުބުނާނުގެ ސަލާމަތީ ބާރުތަކުންވެސް މިހާރު ދަނީ އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.










