މީގެ އެތައް އަހަރެއް ކުރިން މާލޭގެ އިމާރާތަކުން ބަރަހަނާ ހާލުގައި އަންހެނަކު ވެއްޓުނު ހާދިސާގައި ހިމެނޭ މީހަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ.
މިކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފެތުރެމުންދާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅިގެން، އެކަން ސާފުކުރުމަށް ޝިއުނާގެ ފަރާތުން ފުލުހުންގެ އިދާރާގައި އެދުމުން އެ އިދާރާއިން ދިން ރަސްމީ ޖަވާބުންނެވެ.


މަރިޔަމް ޝިއުނާ ފުލުހުންގެ އިދާރާއަށް 12 މާޗު 2026 ގައި ފޮނުވި މެއިލްއަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ، 31 އޯގަސްޓް 2013 ވަނަ ދުވަހު ގެއެއްގެ ތިންވަނަ ފަންގިފިލާއިން މަގުމަތީގައި އޮތް ކާރެއްގެ މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ، ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ކޭސް ނަންބަރަކީ LC233/1129 އެވެ.
ފުލުހުންގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެ މައްސަލައިގެ ތަހުގީގު ފައިލްތަކާއި، އެ ދުވަހު ވެއްޓުނު އަންހެން މީހާގެ ބަޔާނާއި، އަދި އެ ހާދިސާއާ ގުޅިގެން ސުވާލުކުރެވުނު މީހުންގެ ބަޔާންތަކަށް ބަލާއިރު، އެ ހާދިސާގައި ވެއްޓުނު އަންހެން މީހާއަކީ މަރިޔަމް ޝިއުނާ ނޫންކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. ފުލުހުން މި މައުލޫމާތު ކަށަވަރުކޮށްދީ ޝިއުނާއަށް ޖަވާބު ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މަރިޔަމް ޝިއުނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް މަގާމެއްގަ އެވެ.
މި ހާދިސާއާ ގުޅުވައިގެން ޝިއުނާއަށް އަމާޒުކޮށް ގިނަ ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރަމުން ގޮސްފައިވީ ނަމަވެސް، ފުލުހުންގެ މި ރަސްމީ ނިންމުމާއެކު އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން މިވަނީ ސާފުވެފަ އެވެ.







