ޕަބްލިކް ސާވިސް މީޑިއާ، ޕިއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.
އެކަމަނާ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ. ޒީނާ އިސްތިއުފާ ދިން ސީދާ ސަބަބެއް އަދި ނޭނގެއެވެ، 2006 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަން ފެއްޓެވި ޒީނާ ވަނީ މިދާއިރާގައި 17 އަހަރު އުޅުއްވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަމަނާ ވަނީ އެކި މަގާމުތައް ފުރުއްވާފައެވެ.
ޕީއެސްއެމްގެ އެމްޑީ އާއި ހަވާލުވުމުގެ ކުރިން ޒީނާ ގެންދެވީ އަމިއްލަ މެގަޒިންއެއް ކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.
މި ވެރިކަމުގައި މަގާމާއި ހަވާލުވި ޒީނާއަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެކަމަނާ އަކީ ނޫސްވެރިކަމުގައި ގިނަދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭގެތެރޭގައި މިއަދު ނޫހާއި ވީޓީވީވެސް ހިމެނެއެވެ.
ޒީނާ ޕީއެސްއެމްގެ އެމްޑީއާއި ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރ މަހުގެ ތެރޭގައެވެ.



