ދެ އިންތިހާބު އެކުގައި ބާއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރިޔަސް، ރިޔާސީ ދައުރު ދަންމާލުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބާއެކު ނަގަން ވަނީ ނިންމައިފަ އެވެ. މި ނިންމުމަކީ ރިޔާސީ ދައުރު ދަންމާލުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި، ދެ އިންތިހާބު އެކުގައި ބޭއްވުމާއި ރިޔާސީ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.
"ނޫން، އެކަހަލަ ވިސްނުމެއް ނެތް އަޅުގަނޑުގެ. ތި ބެނާތައް ފެނޭ، އަޅުނޑު ހިތަަށް އަރާ ކޮން ގައުމެއްގައި ބާއޭ އަނެއްކާ އަޅުގަނޑުމެންނަށް މި އުޅެވެނީ. ގައިމު ވެސް މި ގައުމުގައި ނަގަން މި އުޅޭ ވޯޓުގައި އެކަހަލަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އިސްލާހުގެ ތެރެއިން ރިޔާސީ އިންތިހާބު ދިގުކުރާ ނުވަތަ ކުރުކުރާ ވާހަކައެއް ނާންނަ ކަމަށާއި، އެފަދަ ކަމެއް ކުރަން ނުވެސް އުޅޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ހަރަދު ކުޑަވުމުގެ އިތުރުން، ދައުލަތުގެ ދެ ބާރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ބަދަލާއެކު ސުޕަ މެޖޯރިޓީ ހޯދުމުގެ ސަގާފަތް ވެސް ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.










