ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ ގޮނޑިތަކުގެ ތެރެއިން 10 އިންސައްތަ ޒުވާނުންނަށް ހާއްސަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ބައްޓަން ކުރުމާއި ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަންދެވޭ ގޮތަށް މަޖިލީހުގެ ވަކި ކޯޓާއެއް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.
މިހާރު އޮތް 93 ގޮނޑީގެ މަޖިލީހަށް މިސާލު ޖައްސަވަމުން ރައީސް ވިދާޅުވީ، 10 އިންސައްތަ ޒުވާނުންނަށް އަދި 10 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން 30 އަހަރުން ދަށުގެ 9 މެންބަރުންނާއި، 9 އަންހެން މެންބަރުންނަށް މަޖިލީހުން ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 ޕަސެންޓު ޒުވާނުންނަށް. 10 ޕަސެންޓު އަންހެން ބޭފުޅުންނަށް. އެހެންކަމުން މިސާލަކަށް މިހާރު އޮތް މަޖިލީސް 93 ގޮނޑި. އެއީ ގާތްގަނޑަކަށް 9 މެމްބަރުން ޒުވާން ބޭފުޅުން، 30 އަހަރުން ދަށުގެ. އަދި 9 އަންހެން ބޭފުޅުންނަށް،" ރައީސް ވިދާޅުވިއެވެ.
މިއީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމުގައި ވިޔަސް، މި ބަދަލު ގެންނަވާނީ ގާނޫނަށް އިސްލާހު ގެނެސްގެން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ނިޒާމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ތެރެއިން ވަކި ކޯޓާއެއް ކަނޑައެޅުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި ޔޫތު ޕާލިމެންޓް އަލުން ފަށާނެކަންވެސް ރައީސް ވަނީ މި ޕްރޮގްރާމްގައި އިއުލާން ކުރައްވާފައެވެ.










