މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ދަގަނޑު އުފައްދާ ކާރުޚާނާތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެން.ޕީ.ޓީ) އިން ވަކިވުމަށް އީރާނުގެ ސިޔާސީ އިސްވެރިން ބާރުއަޅަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިއުކްލިއާ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށް ބުނެ އަޑުއުފުލާފައެވެ. މި ހަރަކާތް ބާރުގަދަވެފައިވަނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އީރާނުގެ އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެންނެވެ.
އީރާނުގެ މަޖިލިސް މެންބަރުން ފާހަގަކުރާ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލުގެ އުދުވާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ދިފާއީ ބާރު ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ހުރަސްއަޅާ މުއާހަދާއިން ވަކިވުން ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އީރާނުގެ ސަރުކާރުގެ މަތީ ފަންތީގައި މިހާރު ދަނީ ސީރިއަސް މަޝްވަރާތަކެއް ކުރެވެމުންނެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ އަމާޒަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުންކުރުން ކަމަށްވީ ނަމަވެސް، ދުޝްމަނުންގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ގޮތްތަކެއް އިޚްތިޔާރު ކުރުމުގެ ހައްގު އެ ގައުމަށް ލިބިގެންވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ސަރަހައްދީ ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އީރާނުގެ މި ނިންމުމަކީ ސަރަހައްދުގެ ބާރުގެ މިނިވަންކަމަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.










