އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އިނގިރޭސި ވިލާތުން ގޮވާލައިފިއެވެ.
މިކަމަށް އެގައުމުގެ ސަރުކާރަށް ގޮވާލީ 600 އަށްވުރެ ގިނަ ލޯޔަރުންނާއި ޣައްޒާގައި ހަރާކަތްތެރިވި އިނގިރޭސިވިލާތުގެ ތިރީސް ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުންގެ ގްރޫޕަކުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އިލްތިމާސްކޮށް ބޮޑުވަޒީރު ކޭއާ ސްޓާމަރަށް ފޮނުވި ސިޓީއެއްގައެވެ.
މި ސިޓީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމާއި، ކުށެއް ނެތް އެތައް ބަޔަކު މަރުވެފައިވާއިރު އޭގެތެރޭގައި ހާއްސަކޮށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނިފައިވާތީ، އެއީ ފަނާކުރަނިވި އަމަލެއްކަމަށް ސިފަކޮށްފައި ވެއެވެ. އަދި އިސްރާއީލުން ހިންގާ އެފަދަ ޖަރީމާތަކުގައި އިނގިރޭސީ ވިލާތުގެ ހަތިޔާރުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާފައި ވެއެވެ.
މި ހަމަނުޖެހުމުގެ ބިރުވެރި ނަތީޖާ އަމިއްލައަށް ފެނިފައިވާ މެޑިކަލް ޕްރޮފެޝަނަލުން ބުނާ ގޮތުގައި އިސްރާއީލަށް ހަތިޔާރު ވިއްކުން ކުރިއަށް ގެންދިއުމަކީ ޣައްޒާގެ މައުސޫމް މީހުންނަށް ލިބޭ ތަކުލީފުތަކަށް މަގުފަހިވާ ކަމެކެވެ. އެމީހުން ފާހަގަކުރަނީ އިންފްރާސްޓްރަކްޗަރު ސުންނާފަތިވެ، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުން ނިސްބަތްވަނީ ބައިނަލްއަޤްވާމީ އެކުވެރިން ފޯރުކޮށްދޭ އަސްކަރީ ސާމާނަށެވެ.
އެމީހުންގެ ސިޓީގައި ޑޮކްޓަރުން ވަނީ އިނގިރޭސިވިލާތުގެ ހަތިޔާރުގެ ވިޔަފާރީގެ ސިޔާސަތުތައް އަލުން ބަލައި، ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް ވަރުގަދަ ސްޓޭންޑެއް ނެގުމަށް އިލްތިމާސްކޮށްފަ އެވެ.



