ޣައްޒާ ހަނގުރާމައާއި ގުޅިގެން ސޯޝަލްމީޑިއާގައި ކުރި ޕޯސްތަކާއި ގުޅިގެން ޖަރުމަނު ލީގުން ވަކިކުރި އެލް ޣާޒީ ޣައްޒާގެ ކުޑަކުދިންނަށް އެހީވުމަށް 560،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިޔުމުން ފްރީ އޭޖެންޓެއްގެ ގޮތުގައި ދާދި ފަހުން ކާޑިފް ސިޓީއާ ސޮއިކުރި އެލް ޣާޒީ އަށް އޭނާގެ ކުރީގެ ކުލަބު މައިންޒުން މުސާރައާއި ބޯނަސްގެ ގޮތުގައި 1.68 މިލިއަން ޑޮލަރު ލިބުނެވެ. އަދި އިތުރު 223,000 ޑޮލަރު ބޯނަސްގެ ގޮތުގައި އަދިވެސް ދޭންޖެހެއެވެ. މާލީ ގޮތުން ކާމިޔާބު ލިބުނު ނަމަވެސް، އެލް ޣާޒީ ބުނެފައިވަނީ ކްލަބާ އެކު އޭނާގެ މައްސަލައަކީ ފައިސާއާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
"މައިންޒާ އެކު އަޅުގަނޑުގެ ޤާނޫނީ މައްސަލައަކީ ފައިސާއާ ގުޅުންހުރި ކަމެއް ނޫން," އެލް ޣާޒީ ވިދާޅުވިއެވެ. "އަޅުގަނޑު މައިންޒަށް ދެ ކަމަކަށް ޝުކުރުވެރިވަން. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ބޮޑު އަދަދެއްގެ ފައިސާ ހަދިޔާކުރުން. މި ފައިސާގެ ތެރެއިން 500,000 ޑޮލަރު ޣައްޒާގެ ކުޑަކުދިންނަށް އެހީވުމުގެ މަޝްރޫޢުތަކަށް ޚަރަދުކުރެވޭނެ. އެމީހުން ފައިސާ ދިނުމަށް ޖެހިލުންވި ނަމަވެސް، އަޅުގަނޑު މެދުވެރިވެގެން ޣައްޒާގެ ކުޑަކުދިންގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެސްދިނުމަށް އެހީތެރިވެދެއްވައިފައިވާތީ".
އެލް ޣާޒީގެ ހަދިޔާއިން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ ކުޑަކުދިންނަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ. މިކަމުން ހާމަވަނީ މިއީ އޭނާގެ ހިތާ ވަރަށް ގާތް މައްސަލައެއްކަމެވެ.



