އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ޗައިމްސް ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ކުރިއަށް ދިޔައީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށްވެސް ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިންކަމުގައި ވިދާޅުވެ، މުދައްރިސުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުދައްރިސުންނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެރުވިއެވެ.
ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.



